ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުންނާއި ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެވިފައި އޮންނަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމާއި އަދި ގާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ.
https://twitter.com/MohamedNasheed/status/1892195986400743490
އަދި ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި އަދި އެގޮތަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެފަދަ ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ކުރިއަށް ގެންދަން ނިންމާފަ އެވެ.






