Saturday, October 31
އަންހެނުން ކޮމިޓީތަކަށް ރޯދަ އެލަވަންސް ދޭ ބިލު ތަސްދީގުކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ރައްޔީތުންގެ މަޖުލީހުން އިއްޔެ ފާސްކުރީ 72 މެމްބަރުންގެ ވޯޓާއެކު އެވެ.

މި ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްޞީލުކުރުމާއިއެކު ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މި ދެންނެވި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަޞީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ.

އަދި ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން، ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ ޢިނާތް ދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނެއެވެ.

އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000.00 (ތިން ހާސް) ރުފިޔާ ދޭން ވާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ހަމަ މިއާއެކު، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ބިލުގައި ހިމަނުއްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު