Saturday, October 31
ޕޮލްކޯ އަށް އޭސީސީއިން ކޯޓު އަމުރަކާއެކު ދެވަނަ ފަހަރަށް ވަދެފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް މިމަހު ދެވަނަ ފަހަރަށް ކޯޓު އަމުރަކާއެކު ވަދެފިއެވެ.

ޕޮލްކޯގެ މި ތަޙުޤީޤު ކުރިއަށް ދަނީ 2013 ވަނަ އަހަރު ހިންގި ބްލޫސް ހައުސިންގ މަޝްރޫޢުއާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަކާއި ގުޅިގެންނެވެ.

ފުލެޓުތައް ނިންމުމަށް ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބަދަލުތައް ގެނެސް، ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދިނުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުއަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާއިރު، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ. އަދި މަޝްރޫޢުއާ ގުޅުންހުރި ގިނަ ލިޔެކިޔުންތައް ޕޮލްކޯގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ގެއްލިފައިވާކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީއަކުން ދިރާސާކުރަމުންދާއިރު، "މައްސަލައިގައި ހިމެނޭ މިހާރު ޒިންމާދާރު މަގާމުތަކުގައި ތިބި ފުލުސް އޮފިސަރުންނާމެދު އަމަލުކުރާނެ ގޮތް ނިންމުމަކީ މުހިންމު ކަމެއް" ކަމުގައި ކޮމިޓީގެ މުގައްރިރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ޕޮލްކޯގައި އިތުރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަމުގެ ތުހުމަތުކޮށް ފުލުހުންގެ މުވައްޒަފަކު މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަން ވަނީ ހާމަކުރެވިފައެވެ. އޮޑިޓް ރިޕޯޓުގައި އޭރުގެ ޕޮލްކޯގެ ބޯޑު އޮފް ޑިރެކްޓަރުންނާއި އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އޭސީސީން ކޯޓު އަމުރަކާއެކު ޕޮލްކޯއަށް ވަދެފައިވަނީ މިމަހު ތެރޭގައި ދެވަނަ ފަހަރަށެވެ. މި މައްސަލައިގައި އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު