Saturday, October 31
ބިދޭސީންގެ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުން މެދުކަނޑާލައިފި

ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފީތައް ގަވާއިދުން ނުދައްކާ ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، އައު ސައިޓް ރަޖިސްޓްރޭޝަން، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ދޫނުކުރާނެ ކަމަށެވެ.

ނަމަވެސް، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތައް މިކަމުން އިސްތިސްނާވާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މިދިޔަ ޖޫން މަހު އެ ވުޒާރާއިން ހާމަކުރި ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ޤާނޫނާއި ގަވާއިދުގެ ދަށުން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް، 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭކަމަށް ބެލެވޭ -/1،765،704،400ރ ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ނުދައްކާ ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އަދި ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ހުށަހަޅަމުންދާތީ، 02 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.8 ބިލިޔަން ރުފިޔާއަށް އަރައެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 1.1 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް ދާޚިލީ ވަޒީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވަނީ މިހާރު ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު