އޭޕްރީލް 20 ގެ ނިޔަލަށް ބައޯމެޓްރިކްސް އަދާހަމަ ނުކުރާ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޭޕްރީލް 20 ވަނަ ދުވަސް ކަމަށާއި، މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، ގްރޭޓަރ މާލޭ ސަރަހައްދު ކަމަށްވާ ، މާލެ، ހުޅުމާލެ1، ހުޅުމާލެ ފޭސް 2 ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގައި ވަޒީފާ އަދާކުރާ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރަތްތަކުން ދާޚިލީ ވުޒާރާގެ ފޮރިންގ ލޭބަރ ޑިޕާރޓްމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މާލެ ސަރައްޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 މާރިޗް 01 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށާއި، ރިޒޯޓްތަކާއި ސަފާރީތަކާއި ، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި ، އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް 2025 އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްފެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަސްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން