Saturday, October 31
ރޯދަމަހަށް ހާއްސަ ވަގުތީ މާރުކޭޓް މާލެ އާއި ހުޅުމާލޭގައި ހަދަނީ

ރަމަޟާން މަހަށް ހާއްސަކޮށްގެން ވަގުތީ މާރުކޭޓްތަކެއް މާލޭ އާއި ހުޅުމާލޭގައި ހަދަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މާރުކޭޓް ހެދުމަށް ނިންމާފައިވަނީ މާލޭގެ އެކި ސަރަހައްދުގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ކަމަށެވެ.

މިއީ ރައްޔިތުންނަށް އާއްމުކޮށް ބޭނުންވާ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތެކެވެ.

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ މި ވަގުތީ މާރުކެޓްގައި ތަކެތި ވިއްކަން ފުރުޞަތު ދޭނީ އާއްމު ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެން ނަމަވެސް މި މާރުކޭޓް ގެ ކަންކަން ކުރިއަށް ގެންދާނީ މާލޭ ސިޓީކައުންސިލް، އެޗްޑީސީ، އެސްޓީއޯ ނުވަތަ ސަރުކާރުންތޯ އަދި ނިންމާފައި ނުވާކަމަށެވެ. އެކަމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އަގު ކޮންޓްރޯލް ކުރުމަށް ވުރެ، އަގު ބޮޑުވިޔަ ނުދިނުމަށް ކަމަށެވެ. އަދި އެއްވެސް މުދަލެއްގެ އަގު ބޮޑުވާނަމަ އެކަން ބަލާ އެކަމަށް މިނިސްޓްރީން އިންޓަވިން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ރޯދަ މަހަށް އަސާސީ ކާބޯތަކެތި އަވަހަށް ބޭރުކުރުމަށް ނުވަތަ ކްލިއާކުރުމަށް އެމްޕީއެލް، ކަސްޓަމްސްގެ އިތުރުން އެއާޕޯޓް ކާގޯ އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންއާ އެކު ވެސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އަތޮޅެތެރޭގައި ރަމަޟާން މަހަށް ބޭނުންވާ ވަރަށް ސްޓޮކް ހުރިތޯވެސް އެ ވުޒާރައިން ދަނީ ބަލަމުންނެވެ. އެގޮތުން އެއްވެސް ބާވަތެއް މަދުވާ ހާލަތެއްގައި އެމްޓީސީސީ މެދުވެރިކޮށް ވީހާވެސް އަވަހަކަށް އެ ބާވަތެއް އެރަށަކަށް ފޯރުކޮށްދެވޭނެ އިންތިޒާމްވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މީގެ 6 މަސްދުވަސް ކުރިން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު