އާސަންދައިން ބޭސް ހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި، އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް ނިޒާމަށްގެންނަންޖެހޭ ބަދަލުތައް، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މިގޮތުން ރައީސް ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުމާއި، އެސްޓީއޯ އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުމާ މި ބަދަލަށް ޑޮކްޓަރުން އަހުލުވެރިކުރުވުން ހިމެނެއެވެ.
މީގެ އިތުރުން، އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސް.ޓީ.އޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އުސޫލުތަކުގެ ތެރެއިން އެސް.ޓީ.އޯ އަށް ލިބޭނެ ގޮތް ހަމަޖައްސައި، މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތުން، އެސް.ޓީ.އޯ އިން ސީދާ ބޭސް އުފައްދާ ފަރާތްތައް މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ނިންމަވައިފައެވެ.
އަދި މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ހަތަރު ޖީ.ޕީ ކްލިނިކުން އެސް.ޓީ.އޯ ގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައި، މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސް.ޓީ.އޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި ޚާރިޖީ ވުޒާރާގެ ދައުރު ފުޅާކުރުމަށާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ޙައްލުކުރުމަށް ރައީސް ކަނޑައަޅުއްވާފައިވެއެވެ.
ޞިއްޙީ ވުޒާރާއިން ހުށަހެޅުއްވި ކަންތައްތަކަށް މަޝްވަރާކުރެއްވުމަށްފަހު ރައީސް ވަނީ އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން އެސް.ޓީ.އޯ މެދުވެރިކޮށް ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމް.އެފް.ޑީ.އޭ ގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުމަށްވެސް ނިންމަވައިފައެވެ.
ރައީސް އޮފީހުން ހާމަކުރާ ގޮތުގައި މި ކަންކަން ތަންފީޒުކުރެއްވުމުން ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރެވިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
އެއްމެފުރަތަމަ ކުރަންވިކަމަކީ ސިޔާސީމީހުންމަދުކުރުން
މި ލިޔުން ކިޔާލުމުން