Tuesday, October 27
ގާނޫނުއަސާސީ އަށް ގެނައި އިސްލާހް ބާތިލުކުރަން ހުށަހެޅުނު މައްސަލައިގެ ޝަރީއަތް

ސިޔާސީ ޕާޓީތަކުން ވަކިކުރާ ނުވަތަ ވަކިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން އެވެ.

އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ. ގާނޫނުއަސާސީއަށް ގެނެވުނު މި އިސްލާހު ގާނޫނުއަސާސީގެ 4 ވަނަ މާއްދާ އާއި 5 ވަނަ އަދި 8 ވަނަ މާއްދާގެ އިތުރުން ، 73 ވަނަ މާއްދާ އާއި 90 ވަނަ މާއްދާއާ ވެސް ހިލާފުކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އަދި މި އިސްލާހު، މިހާރު ހިނގަމުންދާ  20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި އެދިފައިވެ އެވެ.

އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ވިދާޅުވީ،  މި އިސްލާހުގެ ސަބަބުން ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ބާރުތައް ހަނިވެގެން ގޮސްފައިވާ ކަމަށެވެ. "ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް،" ވަކީލު މަހްފޫޒް ވިދާޅުވިއެވެ.

މީގެއިތުރުން މަހްފޫޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަންޖެހޭނީ، ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށެވެ. މިގޮތުން ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ އާއި 70 ވަނަ މާއްދާއިން ކުރި ނިޔާއަކީ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި އޮވެގެން ނުވާނޭ މިނިވަން ވަކި ބާރަކަށްވުން ކަމަށާއި ، މިއީ ގާނޫނުއަސާސީގެ އަސާސީ ސިފައެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

އަލީ ހުސެއިންގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބަންޑާރަނައިބުގެ އޮފީހުން މިއަދު ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައެވެ. މިގޮތުން ގާނޫނުއަސާސީގައިވާ ގޮތަށް ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، ގާނޫނުއަސާސީ އަށް ރައްޔިތުންގެ މަޖިލީހުން ގެނެވޭ އިސްލާހުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކަށް ނުބެލޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ.

ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި  ވަކީލު، ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 174 ވަނަ މާއްދާގެ ހ. ގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް މި މައްސަލަ ނުފެތޭ ކަމަށެވެ.

އިޖުރާއީ އިއުތިރާޒާއި ގުޅިގެން ފަނޑިޔާރުންގެ ފަރާތުން ވަނީ  ގިނަ ސުވާލުތަކެއް ބަންޑާރަނައިބުގެ އޮފީހުން ވަޑައިގެންނެވި ވަކީލުންނާ ކުރިމަތި ކުރައްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ސިޔާސީ ޕާޓީއަކުން ވަކިވުމުން މެންބަރުންގެ މެންބަރުކަން ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރާ ސަބަބު ސާފު ކޮށްދެއްވުމަށް އެދިފަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުވާލުތަކަށް ފަހު ، ފަނޑިޔާރު ސުޖޫން ވަނީ  ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީއާ ހިލާފުވާ ހާލަތުގައި އެ މައްސަލަ ދެން ބެލޭނީ ކޮން ކޯޓަކުންތޯ ސާފުކޮށްދިނުމަށް އެދިފައެވެ. އަދި އެފަދަ ހާލަތެއްގައި ދެން ނިޔާއެއް ކަނޑައަޅައިދޭން އެދި ދާނީ ކޮން ތަނަކަށްތޯ ސުޖޫން ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު އިތުރަށް ސުވާލު ކުރައްވަމުން ވިދާޅުވީ ، ސުޕްރީމް ކޯޓަށް މިހާރު ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ހުކުމް ކުރާ ގޮތެއްގެ ސަބަބުން އެ ކޯޓުގެ އިމްތިޔާޒުތައް ހަނިވެގެން ހިނގައިދާނެކަމަށާއި ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތް މާއްދާ އުވައިލާ ހާލަތުގައި، އެ މާއްދާ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ދެން ހައްލު ހޯދުމަށް ދާން ޖެހޭނީ ކޮން ކޯޓަކަށްތޯ ސުވާލު ކުރެއްވިއެވެ.

މިއަދުގެ އަޑުއެހުން ނިމުނުއިރު  އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވެފައިވާ އެމްޑީޕީއަށް ފުރުސަތު ދިނުމަށް މާދަމާ އިތުރު އަޑުއެހުމެއް ބާއްވާނެކަން ވަނީ އިއުލާނު ކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު