ސައުތު ރީޖަންގެ ތިން ރަށެއްގެ މަގުތައް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެކްސްގައި އާރްޑީސީން މިއަދު ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ދެކުނު ސަރަހައްދުގެ މަގުތައް ޒަމާނީކުރުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު މަސައްކަތް ކުރެވެމުންދަނީ ތ. ތިމަރަފުށި، ގއ. ވިލިނގިލި ފޭސް 2 އަދި ލ. ގަން ފޭސް 2 ގައެވެ.
އާރްޑީސީން ބުނީ ތިމަރަފުށީގައި މިވަގުތު ކުރިއަށްދަނީ އެއަރޕޯޓު މަގުގެ ދުވާރު ހެދުމާއި، ކާސްޓިންގް ޔާޑުގައި ކާރބް ސްޓޯން އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އަދި ވިލިނގިލީގެ ދެވަނަ ފިޔަވަހީގައި މުހައްމަދުކަލޭފާނު މަގުގައި ކާރބް ސްޓޯން އެތުރުމާއި ބަރާސީލު މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
https://twitter.com/rdcmaldives/status/1891091168672231701
ގަމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި އެ ރަށުގެ ބޮޑުތަކުރުފާނު މަގުގައި ކީވޯލް އެޅުމަށްޓަކައި މަގު ކޮނުމާއި، އެމަގުގައި ކާރބް ސްޓޯން އެތުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.






