Saturday, October 31
ސަރުކާރު ޓެކްސީ ފެށުމުން 10000 ޑްރައިވަރުންނަށް ގެއްލުންވާނެ: އަވަސް ރައިޑް

ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން 10،000 ޑްރަިވަރުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ފުޅާ ދާއިރާގައި ޓެކްސީ ހިދުމަތް ދެމުން އަންނަ އަވަސް ރައިޑް އެޕުން ބުނެފިއެވެ.

އަވަސް ރައިޑް އެޕުން މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ ޓެކްސީ ޑްރައިވަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރަމުންދާ އެންމެހާ ފަރާތްތަކުގެ ކަންބޮޑުވުން އެއް ފަރާތްކޮށް ޓެކްސީ ފްލީޓއް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ ޓެކްސީ ކުރުމުގެ ދާއިރާގައި އުޅޭ މީހުންގެ އާއިލާތަކުގެ ހައްގަށް ސަރުކާރުން ވިސްނާލުމެއްނެތި ކޮށްފައިވާކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ މި ނިންމުމަކީ މިކަމަށް އެކަށީގެންވާ މަޝްވަރާތަކާއި ދިރާސާތަކާއި ނުލައި އެފަދަ އެއްވެސް ފްލީޓެއް ތައާރަފު ނުކުރާނެކަމަށް ސަރުކާރުން ބުނި ބުނުމާއި ސިދާ ހިލާފުކަމެއްކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު ޓެކްސީ ދައިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންނާ، ޓެކްސީ ސެންޓަރުތަކުގެ ވެރިންނާވެސް މަޝްވަރާނުކުރުމަކީ ހިތާމަކުރާކަމެކެވެ.

އަވަސް އެޕުން ބުނީ ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފުކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް ކުދި ވިޔަފާރިތަކަށް ގެއްލުންވެ މި ދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެކަމެއްކަމަށެވެ.

އަދި މި ނިންމުމުގެ ސަބަބުން ޓެކްސީ ކުރުމުގެ ދާއިރާގައި ރަޖިސްޓްރީވެ އާމްދަނީ ލިބެމުންދާ 10،000 އަށްވުރެ ގިނަ ފަރާތްތަކަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަތުންކަމަށްވެސް އަވަސް އެޕުން ނެރުނު ބަޔާނުގައިވެއެވެ.

މީގެއިތުރުން ޓެކްސީ ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ރަނގަޅުކުރަންޖެހޭ ކަންކަމާއި އިސްލާހު ކުރަންޖެހޭ ދާއިރާތައް ޓްރާންސްޕޯޓް މިނިސްޓްރީން އަދި މިހާތަނަށް ސާފުކޮށް އަންގާފައިނުވާ ކަމަށްވެސް އަވަސް އެޕުން ބުނެއެވެ. އަދި ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަންވެސް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނީ ބައެއް ހާލަތްތަކުގައި ޑްރައިވަރުން ދަތުރުތައް ނުކުރާކަމުގެ ޝަކުވާ އުފުލޭއިރު އެކަމުގެ އަސްލު ސަބަބުތައް ދެނެގަންނަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.

މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތް ކުރުމެއްނެތި ޑްރައިވަރުންނާ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އަވަސް އެޕްގެ ބަޔާނުގައިވެއެވެ.

އަދި އިންސާފެއްނެތި އެ ދާއިރާއަށް އަޅަމުންދާ ފިޔަވަޅުތަކާއި ދެކޮޅަށް ތެދުވުމަށާއި، ގާނޫނީ އިމުގެ ތެރެއިން ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަށް އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު