Saturday, October 31
އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާ: ޑރ. ޝަހީމް

ރާއްޖޭގައި އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާއަކީ ޒަކާތާއި ބެހޭ އިދާރާކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްގެންދިޔަ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޒަކާތު ހައުސްއަކީ އަކީ އެންމެ އަމާނަތްތެރިކަމާއެކު ހިނގާ މުއައްސަސާ ކަމަށާއި، އެތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނަތްތެރިކަމާމެދު އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

"ދިވެހިރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުންގެ ޒަކާތު ހައުސްއޭ މިއީ. މުއައްސަސާގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކާނެ. އެކަމަކު ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑު ޝައްކުނުކުރަން."

ރޭގެ ފޯރަމްގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޒަކާތަށް ހޭލުންތެރިކުުރުމަށް ޒަކާތު ހައުސްއިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރިޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުން އަހަރު ކަމަށެވެ.

މިދިޔަ ޑިސެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 9.70 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 101.94 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މިދިޔަ ޖަނަވަރީ މަހުގެ މުދަލު ޒަކާތުގެ ގޮތުގައި 5.32 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިޞާބަށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ބަދަލު ގެނެސްފައެވެ.

މިގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އެ އިދާރާއިން ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން، ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށްފަހުގައި ކަމަށްވާތީ، 22 ޖަނަވަރީ 2025 އިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގުރާމަކަށް 14.9ރ. ގެ ރޭޓުން 595 ގްރާމަށްވާ 8،800.05ރ. ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު