Saturday, October 31
އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން ހޯދުމަކީ ޙަޤީޤީ މިނިވަންކަމުގެ ފެށުން: ޑރ. މާރިޔާ

އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން ހޯދުމަކީ ޙަޤީޤީ މިނިވަންކަމުގެ ފެށުން ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިގޮތުން ވަޒީރު ވިދާޅުވީ، އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައިވާ ފަދައިން، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމަށާއި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަކީ މިއަދުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

ވަޒީރު ވިދާޅުވީ ކާބޯތަކެތި ހޯދުމުގައި ބޭރު ޤައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވެ، ކާބޯތަކެތީގެ މިނިވަންކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކާބޯތަކެތީގެ މިނިވަންކަން ހޯދުމަކީ ހަމައެކަނި އިޤްތިޞާދީ ކަމެއް ނޫން ކަމަށާއި، އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، ދިވެހި ކާނާގެ ސަގާފަތް ދެމެހެއްޓުމާއި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުކޮށްދިނުން ކަމުގައެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޙަޤީޤަތެއްކަން ފާހަގަކުރައްވައި ޑރ. މާރިޔާ ވިދާޅުވީ ދިވެހި މުޖުތަމަޢުއަށް ބަލާއިރު، އިހުޒަމާނުންސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ ފުދުންތެރިކަމުގެ މައްޗަށް ކަމަށާއި، ކޮންމެ ރަށެއްގައިވެސް އޮންނަ ދަނޑުބިންތަކާއި، ކަނޑުގެ މުއްސަނދިކަމާއި، ގޯތިތެރޭގައި ހައްދާ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީއަކީ މީގެ ހެއްކެއް ކަމަށެވެ.

ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ މިމަހުގެ 12 އިން 13 އަށް، އިޓަލީގެ ރޯމްގައި ކުރިޔަށްދިޔަ އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ ގައި ބައިވެރިވެވަޑައިނަވައި، ދަނޑުވެރިކަމާއި ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން، ވާހަކަފުޅު ދައްކަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު