Saturday, October 31
ގެސްޓްހައުސްތައް ރަޖިސްޓްރީކޮށް ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުން: ޠާރިޤް
ގެސްޓްހައުސްތައް ރަޖިސްޓްރީކޮށް ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމުގައ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަތޮޅުތެރޭގެ ކައުންސިލްތަކާއި ވިޔަފާރިތަކާއި ގެސްޓްހައުސްތައް އެއް ތަނަކަށް ޖަމާކޮށްގެން ދަ ޓްރެވަލް ގައިސް އިން އިންތިޒާމުކުރި ރަށު އެކްސްޕޯއަށް ޒިޔާރަތްކުރައްވައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެއްވި ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ތާރީޚަކާއި ސަގާފަތެއް އޮތް ޤައުމެއް ކަމަށާއި، ކޮންމެ ރަށަކުންވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މިކަމުގެ ބޭނުން ހިފައި، ލޯކަލް ޓޫރިޒަމް ތަރައްޤީކޮށް ރަށްރަށުގެ އިޤުތިޞާދުތައް ކުރިއަރުވައި، އޭގެ ފައިދާ އެންމެންނަށް ފޯރާކަން ކަށަވަރުކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މިކަމުގައި އެންމެ މުހިންމު އެއް ބަޔަކީ ލޯކަލް ޓޫރިޒަމާ ގުޅޭ އިދާރި އަދި ވެރިކަމުގެ އޮނިގަނޑުތައް ހަރުދަނާކުރުން ކަމަށާއި، މިއީ ކޮންމެ ރަށެއްގެ ޚާއްޞަކަން ދެމެހެއްޓުމަށްޓަކައި ޒިޔާރަތްކުރާ ފަރާތްތަކަށް އެކްސިޑެންޓުތަކާއި ހާދިސާތަކުން ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި، މި މަސައްކަތުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ލޯކަލް ހުރިހާ ގެސްޓްހައުސްތަކެއް ރަޖިސްޓްރީކޮށް، ކަމާގުޅޭ ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުން ކަމަށާއި، މި މަސައްކަތުގައި އެންމެންގެ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ރަނގަޅުކޮށް ތަރައްޤީކުރަމުގައި ހުރިހާ ކައުންސިލްތަކާއި ގެސްޓްހައުސްތަކާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށި ރަށު އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެވެ. ރަށްރަށުގެ ސްޓޯލްތަކުން ދަނީ އެމީހުންގެ ރަށުގެ ގެސްޓް ހައުސްތަކާއި ސަޤާފަތާއި ކެއުމާއި ރަށުގައި ކުރާ މަސައްކަތް މި އެކްސްޕޯގައި ދައްކާލަމުންނެވެ. އަދި ޕްރޮމޮޓް ކުރުމުގެ ގޮތުން އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަކޮށް އެ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތުވެސް ދޭ ޕްރޮމޯޝަންވެސް ކުރިއަށް އެބަދެއެވެ. މި އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލެ ސެންޓަރަލް ޕާކުގައި މި މަހުގެ 13 އިން 15 އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު