Saturday, October 31
ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މި މަސައްކަތްތަކުގެ ތެރެއިން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާރކުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައެވެ. މި ޕާރކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި ޢިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަނެކެވެ.

ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް ވަނީ އަންގާފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިން ހަވާލުކުރެވިފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާތިލުކުރެވިފައި ކަމަށެވެ.

އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި، ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށް މިއަދު ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ޖާނޭ - 2025-02-14T19:12:18

    މިހޮޅިމުއީޒް އުޅެނީ ކޮންމެ ކަމެއްގައިވެސް ކުރެޑިޓްނަގަން