Saturday, October 31
ޙައްޖު އަދި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
ޙައްޖު އަދި ޢުމްރާ ދަތުރުތަކަށް މެޑިކަލް ޓީމް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިވާ ޞިއްޙީ މަސައްކަތްތެރިން ހިމެނޭ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށާއި، ދަފްތަރު އެކުލަވާކުމަށްފަހު މިކޯޕަރޭޝަންގެ ފަރާތުން ކުރާ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ މިދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.

މެޑިކަލް ޓީމްގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނޭއިރު، މި ޕޫލަށް ނަގާ ޑޮކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއި،  ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުމުގެ އިތުރުން މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތުން ހިމެނެއެވެ.

އަދި ޑޮކްޓަރުންގެ މަސައްކަތުގެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މެޑިކަލް އޮފިސާރ، ޖެނެރަލް ޕްރެކްޓިޝަނަރޒް، ފިޒިޝަންސް، ކާޑިއޮލޮޖީ، ނެފްރޮލޮޖީ އަދި ނިއުރޮލޮޖީ އެވެ.

ޑޮކްޓަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން އަދި މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން ހިމެނެއެވެ.

އަދި ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުންވެސް ޑޮކްޓަރުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ނަރުހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނަރސިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި، ސިއްހީ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި،  މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް އޮތުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުން ހިމެނެއެވެ.

ނަރުހުންގެ ޒިންމާއަކީ ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމުގައި ދަތުރުގައި ބައިވެރިވާ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތްކުރުމާއި، ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ އިތުރުން ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުމެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ލިޔެކިޔުންތަކާއެކު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު