Tuesday, October 27
"އަލިމަހަށް އަގު ބޮޑު އެ ވެވެނީ، ހަމަ ލިބުން ދަތި ވީމައޭ"

މަތީގައި އެ ވާ ދެ ފޮޓޯއަކީ މެޒޯ މޯޑްގެ އެކުވެރި މަރޭގެ ފޯނުން އިއްޔެ ނެގި ދެ ފޮޓޯއެވެ. އެ ފޮޓޯ ނެގިތާ މާ ގިނައިރެއް ނުވެ މޯޑް ވަނީ މި ދުނިޔެއާ ވަކިވެ ގޮސްފައެވެ. ގިނަ ހަނދާންތަކެއް ދޫކޮށްފައި އެ ދިޔައީ އެތައް ބަޔަކު ރޮއްވާލާފަ އެވެ.

އަޅުގަނޑު މެޒޯ މުހައްމަދު ސިފަ ކުރާ ހިތްވަނީ ދިވެހީންގެ '"ޖިމް މޮރިސަން"' ފަދައިންނެއެވެ.

މުހައްމަދު އާއި ގާތް ރަހްމަތްތެރި ކަމެއް އުފެދިފައި ނެތަސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މުހައްމަދުގެ '"މަޖާޒީ ޓްވީޓް"' ތައް ފެނި ހިތަށް ތަސައްލީ  ލިބިގެންދެ އެވެ.

ގައުމު ހަމަ މަގުން ނެއްޓިގެން ދާ ފަހަރުތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ފާޅު ކުރަމުން ދިޔަ ހިޔާލު ތަކާއި، ހަމަޔާއި އިންސާފަށް އެދި ގޮވަމުން ދިޔަ ގޮވުންތައް ފެނި، ހިތްވަރާއި އަޒުމާއި ގައުމީ ޖޯޝު އާވެގެންދެ އެވެ.

ޓްވިޓާ ގައި ފަސް ވަރަކަށް އަހަރު މުހައްމަދަށް '"ފޮލޯ"' ކުރެވުނީތީ އެކީގައި މަސައްކަތް ކުރާ މީހެއް ކަމުގެ އިހްސާސް ކުރެވެއެވެ. ހަޔާތުގައި މުހައްމަދު އާއި ދިމާވި ފަހަރެއްގައި ފޮޓޯ އެއް ނަގާލަން އެދުމުން މުނާސަބު ވަގުތެއް ނޫން ނަމަވެސް ފޮޓޯ އަކަށް ހުއްޓި ވާހަކަ ދައްކާލާ ހެދިއެވެ.

ގިނަ ބަޔަކަށް ފަރިތަ "މެޒޯ މޯޑް' އަކީ އެތައް ދިވެހިން ތަކެއްގެ އުފަލާއި ހިތާމައިގަ އެންމެ އަރިސް އެއް އަޑެވެ.

1965 ވަނަ އަހަރު އުފަންވި މެޒޯ މުހައްމަދު ނުވަތަ ކްރީމް މުހައްމަދަކީ ދިވެހި އަދަބިއްޔާތާއި ފަންނުވެރި ކަމުގެ އުޑުގެ އެންމެ އުހުގައި ބަބުޅަމުން ދިޔަ އަލިގަދަ ތަރިއެކެވެ.

އެއްބަނޑު އެއްބަފާ 6 ބެއިންގެ ތެރެއިން އެންމެ ހަގަށް ހުރި މެޒޯ މުހައްމަދަކީ އާއިލާތެރެއިން އުފެދުނު ޝައުގެއްގެ ސަބަބުން ލަވަޔާއި މިއުޒިކު ދާއިރާ ހިޔާރު ކުރި މޮޅު ފަންނާނެ އެކެވެ.

ޅެންވެރި ކަމުގައި މުހައްމަދު ގެންގުޅުނު ތަފާތު މޮޅު ބަސްކޮށާރާއި ބަސްމޮށުން ތެރި ކަމަކީ މިއަދު ދިވެހި އެތައް ޖީލެއް ޝައުގު ވެރި ކަމާއި ޝުކުރުވެރި ކަމާއި އެކު ބަލައިގަންނަ ތަރިކަ އެކެވެ.

'"ކްލަބް ކޯބްރާޒް"' ނަމަކަށް ކިޔުނު ބޭންޑަކާއި އެކު މިއުޒިކީ ހަޔާތް، އުމުރުން 9 އަހަރުގައި، ކަރުގައި ގިޓަރ އެއް އަޅުވައިން ފެށިގޮތަށް،  40 އަހަރަށްވުރެ ގިނަ ދުވަހު މުހައްމަދު ވަނީ އެންމެ މަތީ ފަންތީގައި މިއުޒިކު ކުޅެދީ، ދިވެހި ފަންނުވެރި ކަން ދިރުވައި ދީފައެވެ.

މުހައްމަދު ގެ ފަންނުވެރި ކަމުގެ ތެރެއިން ވަނީ 50 އާއި ކައިރި ކުރާ އަދަދަކަށް ދިވެހި އަމިއްލަ ރާގުގެ ލަވަޔާއި އާއި 04 އަމިއްލަ ރާގުގެ އަލްބަމް ދިވެހި ފަންނުގެ އަރުޝީފަށް ދޫ ކޮށްފަ އެވެ. މި ގޮތުން ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގްބޫލް ވެގެން ދިޔަ "ގުގުރި" އަލްބަމް އާއި "މާލި" އަދި ''ދި ޓެންތު" ހިމެނެއެވެ.

90 ގެ މެދުތެރެއިން ރާއްޖޭގެ އެކި އެކި ރަށް ރަށުގެ ގެ ތަކުގައި ދިއްލާފަ ހުރި ފުޅި ބައްތީގެ އަލިކަމުގެ ތެރެއިން މުހައްމަދު ގެ އަޑުން އިވެމުން ދިޔަަ ''ފުޅި ބައްތިން އަރާ ހުޅާ، އީމާންވެސް ބަޔަކު ވެޔޭ'' ފަދަ ޅެން ބައިތުތަކަކީ ގިނަ ދިވެހިންގެ މާޒީގެ މުހިއްމު އެއް ސަފުހާ އެވެ.

ހަލަބޮލި މާލޭގެ ގެ ތަކުގެ ސިޓިންގ ރޫމްތަކުން 2000 ގެ ކުރީ ކޮޅުވެސް މުހައްމަދުގެ އަޑުން "ވިސްނާ ވިސްނާ" ފަދަ ޅެންތައް އިވެމުން ދިޔައިރު އަދުގެ ޒުވާން ޖީލުގެ '"ޕްލޭ ލިސްޓް"" ތަކުގައި ވެސް މުހައްމަދުގެ ""ދިވެހީންގެ ރާއްޖެ"' ފަދަ ލަވައެއް ނެތި ނުދާނެއެވެ.މުހައްމަދުގެ ހިދުމަތަކީ އެހާވެސް ފުޅާ އަގުހުރި މަސައްކަތެކެއެވެ.

ލަވަ ކިޔުމުގެ އިތުރުން މުހައްމަދަކީ ގައުމީ މުހިއްމު މައްސަލަ ތަކުގައި އަޑުހަރު، އަދި ހަމަޔާއި، ހައްގާއި އިންސާފަށް ގޮވާލުމުގައި ހަޔާތެއް ހޭދަކުރި ގައުމު ދެކެ ލޯބިވާ ދަރިއެކެވެ.

ޑިމޮކްރަސީޔަށް މި ގައުމު ކުރި ދަތުރުގެ ފަޅުވެރި އެކެވެ. ހިތްހެޔޮ، ހިތްތިރި މަޖާ ރަހްމަތްތެރި އެކެވެ. ގިޓަޔަކާއި މައިކަކުން އެތައް ގިނަ އަސަރުތަކެއް ފަތުރާލަދިން އުފެއްދުންތެރި އެކެވެ.އޭނާގެ ޅެންތަކުން އެތަކެއް ފިލާވަޅު ތަކެއް ނަގައިދިން މުދައްރިސެކެއެވެ.އޯގާތެރި ބައްޕައެކެވެ.އާއްމު ހިދުމަތުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ގައުމީ ހިދްމަތްތެރި އެކެވެ.ގިނަ ބަޔެއްގެ ހިތްތަކުގެ ލޯބި ލިބިގެން ފަންނުވެރި ކަމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މި ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ގައުމުގެ އަގުހުރި ރައުސުލްމާލް އެކެވެ.

އުމުރުން 59 އަހަރުގެ މުހައްމަދު އިއްޔެގެ ވަގުތެއްގައި މި ފަނާވި ދުނިޔެ އާއި ވަކި ވެގެން ދިޔައީ ގިނަ ދިވެހިން ތަކެއް ރޮއްވާފަ އެވެ.'"ދާނޭހޭ ތި ހަނދާން ފިލާ"" ފަދަ ބައިތު ތަކުން މުޅި ސޯޝަލް މީޑިޔާގައި ދަނީ ހިތާމައިގެ ޝުއޫރުތައް ބަންޑުން ވަމުންނެއެވެ. އާއްމު ކޮށް ހަލަބޮލި ޒުވާބު ގިނަ "'ޓްވިޓަރ" ފަދަ ޕްލެޓްފޯމް ތަކުގައި އެންމެން އެއް އަޑަކުން ދިޔައީ މުހައްމަދުގެ ހިދްމަތް ބަލައި ގަނެ ހިތާމައިގެ ޝުއޫރު ފާޅު ކުރަމުންނެއެވެ.ސިޔާސީ ގޮތުން މުހައްމަދުގެ ވިސްނުމާއި ދެކޮޅު އަދި އެއްކޮޅު މީހުން ވެސް އެކީ މުހައްމަދުގެ ޒިކުރާ އާކުރަމުން ދިޔަ މަންޒަރު ފެނުނެއެވެ.

''ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މުހުއްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމުގެ ހިތާމައިގަ، އެ މަރްހޫމް ގެ އާއިލާ އަށް ތައުޒިޔާ ރައްދު ކުރަމެވެ" ރައީސް މުއިއްޒު ޓްވީޓް ކުރަަައްވާ ފައި ވެއެވެ.

https://twitter.com/MMuizzu/status/1889658352046842018
'"މެޒޯ މުހައްމަދަކީ އަޅުގަނޑުގެ އެންމެ ގާތް ރަހުމައްތެރިން ކުރެން އެކަކެވެ.އަޅުގަނޑުގެ އާއްމު މަސައްކަތުގެ ބޮޑު ބައިވެރި އެކެވެ.ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގެ ހިއްސާދާރެއެކެވެ."' ރައީސް ނަޝީދުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

https://twitter.com/MohamedNasheed/status/1889662727791976798
މަދުން ނޫނީ ނުފެންނަ އަގު ބޮޑު އަލިމަހެއް ގެއްލިގެން އެ ދިޔައީ '"ގިސްލަމުން ގޮސް އަދު މި ހިތް ކަފުނުން ޖަރީ ކޮށްފަ"' އެވެ.

މާތްﷲ މުހައްމަދު އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާޔަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު