Saturday, October 17
ޕީޕީއެމަށް ސިޔާސީ ހަރަކާތް ހިންގުމަށް ކެނދިކުޅުދޫން ދޫކޮށްފައިވާ ބިން ބާޠިލުކޮށްފި

ނ. ކެނދިކުޅުދޫން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ ބިން ބާޠިލުކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން 30 ޖަނަވަރީ 2025 ގައި ޕީޕީއެމް އުވާލާފައިވާކަން އަންގައި އިޢުލާންކޮށްފައިވާތީ އާއި ސިޔާސީ ޕާޓި ތަކަށް ބިން ދޫކުރުމުގެ އުޞޫލާ ޚިލާފުވެފައިވާތީ އާއި، އެ ކައުންސިލާއި ޕީޕީއެމާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާ (އެއްބަސްވުން އުވާލުން) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ނުވާތީ، ޕީޕީއެމް އަށް ސިޔާސީ ހަރަކާތް ހިންގުމަށް 2023 ވަނަ އަހަރު ކެނދިކުޅުދޫއިން ދޫކޮށްފައިވާ 3000 އަކަފޫޓު ބިމުގެ އެގްރިމަންޓް 30 ޖަނަވަރީ 2025 ގައި ބާޠިލުކޮށްފައިވާ ކަމަށެވެ.

އީސީން ވަނީ ޕީޕީއެމް އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ، ޖަނަވަރީ 30 ވަނަ ދުވަހުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައެވެ.

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ ޕީއެންސީ އޮފީހުގައި މިދިޔަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ސެނެޓް ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުގައިވާ ގޮތުން، ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ ޕީޕީއެމް އުފެދުނީ 27 އޮކްޓޯބަރު 2011 ގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުންނެވެ.

އެ ޕާޓީ އުފެދުނުތާ ހަތަރުމަސް ދުވަހުގެ ތެރޭގައިވަނީ ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަނާ ގުޅުމުގެ ފަޚުރު ހާސިލުކޮށްފައެވެ.  އެގޮތުން ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒައާމަތުގައި ޕީޕީއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ.

އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި ޖެހިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވަނީ މެޖޯރިޓީ ހޯދައިފައެވެ.

ޕީއެންސީގެ ތާރީޚަށް ބަލާއިރު، އެ ޕާޓީއަކީ ޔާމީންގެ ޒައާމަތުގައި ބޭބޭފުޅު މައުމޫނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މައުމޫން ޕާޓީން ވަކިކުރަން ނިންމި އިޖުރާއަތާ ދެކޮޅަށް ޕާޓީގެ މެންބަރަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ޔާމީންގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕާޓީއެކެވެ. އެގޮތުން ޕީއެންސީ ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ 13 ގައެވެ.

ޕީއެންސީގެ ފުރަތަމަ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. 2019 އިން ފެށިގެން ޕީއެންސީން މަސައްކަތް ކުރަމުން އައީ ޕީޕީއެމްއާއެކު ހެދި ކޯލިޝަނުގެ ދަށުންނެވެ.

މިދިޔަ ރިޔާސީ އިންތިޚާބަށް ޕީއެންސީއިން ކެންޑިޑޭޓަކު ނެރެން ޖެހުނީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ޔާމީން ޢަބްދުލްޤައްޔޫމަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު