ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ދިވެހިރާއްޖޭގެ އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީ އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ފިރިހެނަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީ 1 އަންހެނަކާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް… pic.twitter.com/t09M1UwMgt
— Maldives Immigration (@ImmigrationMV) February 11, 2025
މީގެ އިތުރުން މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްފަހު، މީގެ ތެރޭގައި ހިމެނޭ ބިދޭސީ އަންހެން މީހާ ޑިޕޯޓުކުރެވިފައިވާ ކަމަށާއި، އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ބިދޭސީ ފިރިހެން މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމުގެ އިޤުތިޞާދު އެދެވޭ އެންމެ ހަލުވިމިނުގައި ކުރިއެރުވުމުގައި އަދި ވަކިން ޚާއްޞަކޮށް، ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. މިގޮތުން މި މައްސަލަ ހައްލުކުރުމަށް، ދިވެހިރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި، އެފަރާތްތަކުގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯއާއެކު، ބައޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި އޮޕަރޭޝަނެއް، 2 މޭ 2024 ގައި ފަށައި، ރާއްޖޭގެ ހުރިހާ ރަށެއްގައި މި ވަގުތުވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، 59 ރަށެއްގައި ދިރިއުޅޭ ބިދޭސީ ހުރިހާ މަސައްކަތްތެރީންގެ މައުލޫމާތު މިހާތަނަށް އެއްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހައިތަނަށް 43,294 ބިދޭސީންގެ މައުލޫމާތު އޮޕަރޭޝަން ކުރަނގިން އެއްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، 17 ނޮވެންބަރު 2023 ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6,076 ބިދޭސީން ޑީޕޯޓުކޮށް، 24,540 ބިދޭސީން ވަނީ ރެގިއުލަރައިޒް ކުރެވިފައި ކަމަށެވެ.
އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރުފުކުރެވި، މިހާތަނަށް، އިމިގްރޭޝަން ވޮޗަށް 1,297 މައްސަލަ ހުށަހެޅިފައިވާއިރު، ނުނިމި އޮތީ އެންމެ 11 މައްސަލަ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން