Saturday, October 31
ވަޒީރު ޠާރިޤަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވުމާ ގުޅިގެން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެ މައްސަލައާ ގުޅިގެން ރައީސް ފޮނުއްވި ސިޓީފުޅު އިއްވަވާފައިވާއިރު، އެ މައްސަލަ ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ފޮނުވައިފައެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް ކެބިނެޓަށް މިއަދު މި ބަދަލު ގެންނެވީ، ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަރިކަލުން ފައިޞަލް އަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ޢައްޔަންކުރެއްވުމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ޢަބްދުއްރަޙީމްގެ ދަރިކަލުން ކަމަށްވާތީ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް، ފައިޞަލް ވަނީ އެކަން ދޮގުކުރައްވައި އެ ވުޒާރާގެ މަސައްކަތްތައް ރައީސް ހަވާލުކުރެއްވީ އެކަން އޭނާއަށް ކުރެވޭނެކަން ޔަޤީންވާތީ ކަމަށް ވިދާޅުވެފައެވެ.

ފައިޞަލް މި މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު