ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާންގައި ބުނެފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ އެދުމުގެ މަތިން ގދ. ނަޑެއްލާގެ އައު ބަނދަރު ތަރައްޤީކުރުމުގެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މިކަމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ އަދަދަކީ 455،000.00ރ. އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
މި މަޝްރޫޢަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 25 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00:00ގެ ކުރިންނެވެ. އަދި މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ 26 ފެބަރުވަރީ 2025 ވާ ބުދަ ދުވަހުގެ 13:00:00 ގައެވެ.
ހުވަދު އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޖަނަވަރީ މަހުގެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގދ. ނަޑެއްލާއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޖަނަވަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާންކުރައްވާނެ ކަމަށެވެ.
ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫޢުގެ ތެރެއިން ޙައްލެއް ގެނެވޭނޭ ގޮތަށް ކަމަށެވެ.
މި ލިޔުން ކިޔާލުމުން