ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެގޮތަށް އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ 45 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއު ނިމިގެންދާ އިރު ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރާއި އުނގެނުމުގެ މާހައުލުގައި ހިނގާ ކަންތައްތަކާއި، އުނގެނުމުގެ މާހައުލުގައި ދަރިވަރުގެ ޓެސްޓްތަކުގެ މައުލޫމާތުތައް ބެލެނިވެރިންނަށް ފަސޭހައިން ލިބިގެންދާނެކަމަށެވެ.
" މި ސިސްޓަމްގެ ތެރެއިން މުދައްރިސުންނާ ގުޅޭ މަޢުލޫމާތުތައްވެސް މުދައްރިސުންނަށް ފެންނާނެ. ޓެކްނޮލަޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނަން" ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ބައެއް މާއްދާތަކުން ދަރިވަރުންގެ ފެންވަރު ހުރި ގޮތުގެ މަޢުލޫމާތުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޤައުމީ މަންހަޖުން ކީ ސްޓޭޖް 1 އަދި 2ގައި ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު ބަލާފައިވާކަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކިޔަވައިދޭ މާއްދާތަކުން އެންމެ ދަށް މާއްދާއަކީ ހިސާބު މާއްދާކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު އެ މާއްދާއިން ފާސްވާ އިންސައްތަ 50 ގައި ހުރި ނަމަވެސް 2023 ވަނަ އަހަރު %46 ދަށްވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހި އަދި އިނގިރޭސި މާއްދާއިންވެސް ދަރިވަރުން ފާސްވާ މިންވަރު ދަށްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން