Saturday, October 31
ވަޒީރު ޣައްސާން އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަދެއްކެވި ކަމަށް ބުނެ ރައީސަށް ސިޓީއެއް

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ހުތުރު ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން، މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މީދޫ ދާއިރާގެ މެމްބަރު ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރިޔާސީ ބަޔާނަށް ފަހު މަޖިލީހުގެ އިދާރާގެ ތެރެއިން ޣައްސާންއާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ޣައްސާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވި ކަމަށެވެ.

އަދި އެ ވާހަކަ ދެންނެވުމުން ކޯފާ އިސްކުރައްވާ
ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ ކަމަށާއި އައްޑޫ އަކީ އެ މަނިކުފާނާ ބެހޭވެސް ތަނެއް ނޫން ކަމަށް ޣައްސާން ވިދާޅުވި ކަމަށް އެ ސިޓީގައިވެ އެވެ.

ޣައްސާނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ބޭފުޅެއް ކަމަށާއި އައްޑޫ ރައްޔިތުން ޕީއެންސީ އަށް ވޯޓުދީފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނެ ކަމަށް ޣައްސާން މީގެކުރިން ދެއްކި ވާހަކަތައް ހަނދުމަފުޅުކޮށް އެރުވި ކަމަށްވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ވަޒީރު އިތުރަށް ކޯފާ އިސްކުރައްވާ "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން. އައްޑޫ އަކީ މަށާ ބެހޭވެސް ތަނެއް ނޫން" ކަމަށް ޣައްސާން ވިދާޅުވި ކަމަށްވެސް ސިޓީގައި ވެ އެވެ.

ދިފާއީ ވަޒީރަކަށް ހުންނަވާ ބޭފުޅަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރަންޖެހޭ ބޭފުޅަކަށްވާއިރު، އައްޑު ރައްޔިތުންނަށް އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ނިސްބަތްކޮށް، މިފަދަ މޭރުމަކުން އެއްވެސް ވަޒީރަކަށް ބަސް ވިދާޅުނުވެވޭނެ ކަމަށްވެސް އަބްދުއްރަހްމާންގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދި ޣައްސާންގެ މައްސަލަ ބައްލަވައި، އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް މިފަދަ ދަށު ދަރަޖައިގެ ބަހުރުވައަކުން ވާހަކަ ދެއްކުމުން އެކަމަށް މައާފަށް އެދުމަށް ޣައްސާނަށް ދެންނެވުމަށް އެ ސިޓީގައި ރައީސް މުއިއްޒަށް ގޮވާލާފައިވެއެވެ.

އަބްދުއްރަހްމާންގެ ސިޓީގައި އިތުރަށް ވިދާޅުވީ ޣައްސާންގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތާއި، ވަޒީރު ކަމަށް އައްޔަން ކުރެވުނު އިރު ކޮށްފައިވާ ހުވައި އަލުން ހަނދުމަކޮށް އެރުވުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓު

  1. ބެންޑޯވ - 2025-02-07T02:31:41

    ހާދަ ހީނުވޭ ޣައްސާން ތިޔަހެން ވާހަކަ ދައްކަފާނެހެން...

  2. ސައްލޭ - 2025-02-06T23:05:09

    ކުޑަ ގޮޅާބޯ ވަކިކުރަން ރައީސަށް ދަންނަވަން. "އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ.