މާލޭގެ އުތުރު ފަރާތު މަސްމާރުކޭޓް ސަރަހައްދު ފަޅުގައި އަޅާފައި ގިނަ ދުވަސްވެ، ބޭނުން ނުކުރާ އުޅަނދުތައް އެ ތަނުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އުޅަނދު ފަހަރަކީ މާލެއާއި ވިލިނގިލީގެ ފަޅު ބެލެހެއްޓުމާބެހޭ ޤަވާއިދާއި ޚިލާފަށް، އުޅަނދު ބަލަހައްޓާނެ ޒިންމާދާރު ފަރާތެއް ނެތި އެއްގޮތަކަށްވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭގެ އެކިސަރަޙައްދުތަކުގައި އަޅާފައިހުރި އުޅަނދުފަހަރާއި، ރަޖިސްޓްރީ ނަމްބަރ އެއްގޮތަކަށްވެސް ނުޖަހާ ހުރި އުޅަނދުތަކެއް ކަމަށެވެ.
އަދި އެ އުޅަނދު ފަހަރުގެ ސަބަބުން ފަޅުގެ ޤަވާޢިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅުބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި މީހުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު، އެ ސަރަހައްދުން އުޅަނދު ނެގުމަށް ވަނީ އެދިފަ އެވެ.
ކައުންސިލަށް ހާޒިރުވާއިރު އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަކާއި އުޅަނދު ބެލެހެއްޓުމަށް ހަވާލުވެ ހުރި މީހާ ނަމަ އެ މީހާގެ އައިޑީ ކާޑު ގެންދަން ޖެހެ އެވެ.
އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފި ނަމަ އެއީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އުޅަނދުފަހަރު ކަމަށް ބަލައި މާލެ އާއި ވިލިމާލޭގެ ފަޅު ބެލެހެއްޓުމާބެހޭ ގަވާއިދާ އެއްގޮތަށް، އެ އުޅަނދުފަހަރު ނަގައި އެފަދަ އުޅަނދުފަހަރު ބޭއްވުމަށް ވިލިމާލޭ ބަނދަރަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ..
އުޅަނދުފަހަރު ނެގުމާއި ވިލިމާލެ އަށް ގެންދިއުމުގެ ތެރޭގަ އާއި ގެންގޮސް ބޭއްވުމަށް ފަހު އުޅަނދާއި އޭގައިވާ ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާއެއް ނުވާނެ ކަމަށް ވެސް ބުންޏެވެ.
ނަގަން އަންގާފައިވާ އުޅަނދުތަކަކީ، މުނިޔާ، އުންމީދު، އަދި ނަން ނުޖަހައި ރަޖިސްޓަރީ ނަމްބަރު ވެސް ނެތް ދެ އުޅަނދެވެ. މި ތިން އުޅަނދުވެސް އަޅާފައި އޮތީ މާލޭ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީގައެވެ.
މި ލިޔުން ކިޔާލުމުން