ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ޒޯނެއް ޤާއިމްކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ޤާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ޚާއްޞަ މަޝްރޫޢެއް މިއަހަރު ފެށިގެންދާނެ ކަމަށާއި، 2028 ގައި މަޝްރޫޢު ނިމި، އޭގެ ފައިދާ ރާއްޖޭގެ އިޤުތިޞާދަށް ލިބޭނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވިއިރު، ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަހައްދުގެ ޢަމަލީ މަސައްކަތްތައް 2026 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ، ޝިމާދު އިބްރާހީމް ވަނީ ވިދާޅުވެފައެވެ. ޝިމާދަކީ މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެވެސް މެނޭޖިންގ ޑިރެކްޓަރެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަނޑުވެރިކަމުގެ އިޤުތިޞާދީ ސަރަހައްދެއް ޤާއިމްކުރުމަށް އެ ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑާއެކު ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެގޮތުން ދަނޑުވެރިކަމުގެ އިޤުތިޞާދީ ސަރަހައްދު ޤާއިމްކުރުމަށް 100 ހެކްޓަރުގެ ބިމެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށާއި، ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއްކަމަށާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާ ހޯދޭނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން