Saturday, October 31
ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން އަޔަލެންޑާއެކު މަސައްކަތް ކުރުމަށް މަޝްވަރާކުރައްވައިފި
އަޔަލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކެވިން ކެލީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާތައް ކުރައްވާފައިވަނީ ފަތުރުވެރިކަމާއި، ތިމާވެށި ދެމެހެއްޓުން އަދި މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރައީސް ކެބިނެޓަށް މި ބަދަލު ގެންނެވީ ކުރިން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ދަރިކަލުން އިބްރާހީމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމަށްފަހު އެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް ސިނާޢަތުގެ ބައިވެރިންނާއެކު މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން ވަޒީރު ޠާރިޤް ވަނީ އިއްޔެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑު މެންބަރުންނާވެސް ބައްދަލުކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު