Saturday, October 31
ތަޙުޤީޤަށް އޭސީސީން ޕޮލްކޯއަށް ވަދެއްޖެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފުލުހުންގެ ފުލެޓުތައް އެޅުމުގައި ޚިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕޮލްކޯގެ އޮފީހަށް ވަދެއްޖެއެވެ.

ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު އޭސީސީން އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީހަށް ވަދެފައިވާއިރު، އޭސީސީގެ ތަޙުޤީޤަށް އެ ކޮމިޝަނުން ޕޮލްކޯގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ "ބްލޫސް ހައުސިން" މަޝްރޫއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ. މީގެ އިތުރުން، ފުލެޓުތައް ނިންމުމަށް ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބމަތިން ބަދަލުތައް ގެނެސް، ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދިނުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އަދި، އެގޮތަށް ކަންތައްތައް ކުރިއަށްގެންގޮސްފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަޤުޞަދުގައި ކަމަށް ބެލެވޭތީ، މިކަމުގައި ހިމެނޭ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އޭސީސީ އާއި އެހެނިހެން ތަޙުޤީޤީ އިދާރާތަކަށް ލަފާދީފައެވެ.

އަދި، ފުލެޓުތަކުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި، ކޮންޓްރެކްޓަރަށް ފައިދާވެ ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށާއި، ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުން މިކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައި ނުވާތީ، ބޯޑުގައި ތިއްބެވި ބޭފުޅުން ޒިންމާކުރުމަށްވެސް އެ ރިޕޯޓުގައި ލަފާދީފައިވެއެވެ.

2013 ވަނަ އަހަރު އިމާރާތްކުރަން ފެށި މި 361 ފުލެޓުގެ މަސައްކަތް ނޫމަޑި ކުންފުނިންނާއި އައިލެންޑް އެކްސްޕާޓުން ކޮށްފައިވާއިރު، މަޝްރޫޢުގެ މަސައްކަތް ނިންމީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު