Saturday, October 31
މުއްދަތު ހަމަވުމުގެ ކުރިން ހަޔަރ އެޑިޔުކޭޝަނުން ރިޕޯޓު ނުފޮނުވާ ކަމަށް ބުނެވުނީ އޮޅުމަކުން: އައިކޮމް
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަހޯލި އަހަރީ ރިޕޯޓު ނުފޮނުވަ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ބުނެފިއެވެ. އައިކޮމް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ވުޒާރާއިން މަހޯލި އަހަރީ ރިޕޯޓު 2024 ޖަނަވަރީ 31ގެ ކުރިން ފޮނުވާފައިވާ ކަމަށާއި، މަޢުލޫމާތު ނެގުމުގައި އެރި އޮޅުމަކާ ގުޅިގެން، ރިޕޯޓު ނުފޮނުވާކަމަށް ހާމަކުރެވުނީތީ މަޢާފަށް އެދޭ ކަމަށެވެ. މީގެ އިތުރުން މިފަދަ އޮޅުންތައް ތަކުރާރު ނުވާނެ ގޮތަށް އިތުރު ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަންވެސް އައިކޮމް އިން ވަނީ އަރުވައިފައެވެ. މަހޯލި އަހަރީ ރިޕޯޓް ފޮނުވަންޖެހޭ ސުންގަޑި ހަމަވިއިރު ދައުލަތުގެ އިދާރާތަކުން އެ ރިޕޯޓް ފޮނުވާފައިވަނީ 383 އިދާރާއިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އިއްޔެ ހާމަކޮށްފައެވެ. އެ އޮފީހުން ބުނީ މިއީ ޖުމުލަ އިދާރާތަކުގެ %40 ކަމަށެވެ. ސުންގަޑި ހަމަވިއިރު ރިޕޯޓް ހުށަނާޅާ ސަރުކާރުގެ މައި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ ތިން މިނިސްޓްރީއެއް ވެސް ހިމެނޭކަން އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިތުރުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއެވެ. އިދާރާތަކުން ފޮނުވަންޖެހޭ މަހޯލި އަހަރީ ރިޕޯޓަކީ މަހޯލި ގާނޫނާއި ގަވާއިދުގެ ދަށުން ކޮންމެ އަހަރެއްގެ ޖަނަވަރީ 31 ގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު