Saturday, October 31
އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ނަން ބަދަލުކޮށްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އަދި "މިނިސްޓްރީ އޮފް ޓޫރިޒަމް" އެއްކޮށްލައްވައި، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި، މިއަދު ގެންނެވި ބަދަލާ ގުޅިގެން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދިޔަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވައިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު، މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރައްވަމުން ގެންދެވި، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާބެހޭ ކަންކަމާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަމާއި، ހަކަތައާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖްކުރުމާބެހޭ ކަންކަމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާބެހޭ ކަންކަމާއި މީޓިއޮރޮލޮޖީގެ ދާއިރާއާބެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާކަންވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ" އެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 88 ކަމުގައި ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ދިރާސާ - 2025-02-01T22:39:09

    ތިޔައީ ޖޯކު ބަދަލެއް