Saturday, October 31
ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލައި، ހިންގުން ވަޒީރު ޠާރިޤަށް

ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަޒީރު ޠާރިޤް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ. އަދި މި ރަސްމިއްޔާތުގައި ވަޒީރުކަމުގެ ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ކެބިނެޓަށް މިއަދު މި ބަދަލު ގެންނެވިއިރު، ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލް އެ މަޤާމުން ވަކިކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަރިކަލުން ފައިޞަލް އަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ޢައްޔަންކުރެއްވުމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ޢަބްދުއްރަޙީމްގެ ދަރިކަލުން ކަމަށްވާތީ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް، ފައިޞަލް ވަނީ އެކަން ދޮގުކުރައްވައި އެ ވުޒާރާގެ މަސައްކަތްތައް ރައީސް ހަވާލުކުރެއްވީ އެކަން އޭނާއަށް ކުރެވޭނެކަން ޔަޤީންވާތީ ކަމަށް ވިދާޅުވެފައެވެ.

ފައިޞަލް މި މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު