ރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީ އާރް ވީ އެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމަށް ތައިލޭންޑް ކުންފުންޏެއް ކަމަށްވާ ކޮންޓްރޯލް ޑޭޓާ ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތެވެ. އަދި ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަ މިސްޓަރ ނާރޓް ލިއުޗަރެއޮންއެވެ.
ދާޚިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީ ފޯރުކޮށްދެވޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމަށެވެ.
މި ނިޒާމު ޤާއިމްކުރެވުމުން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ޞައްޙަކަމާއި، ރައްކާތެރިކަމާއި އަދި ރިއަލްޓައިމްކޮށް އެކަށީންގެވާ ގޮތެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި މަސައްކަތް ނިމުމާއެކު، ޑީއެންއާރަށް ބޭނުންވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ހޯދުމުގެ މަސައްކަތް ޑީމެޑް ޕްރޮޖެކްޓުން ކުރިއަށް ގެންދެންދާނެ ކަމަށެވެ.
ކޮންޓްރޯލް ޑޭޓާ (ތައިލޭންޑް) ލިމިޓެޑް (ސީޑީޓީ)އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފެށި، އަދި ފަހުން އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށާއި އަދި އަމިއްލަ ކުންފުނިތަކަށް ކޮމްޕިއުޓަރ މެއިންފްރޭމްތައް ފޯރުކޮށްދޭން ފެށި ކުންފުންޏެކެވެ. މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކްއަށް ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. ޤައުމީ އައިޑީ ސިސްޓަމްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން، ސީޑީޓީން ވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް އައިޑެންޓިޓީ ވެރިފިކޭޝަން ޕްލެޓްފޯމްތައް ތަރައްޤީކޮށްފައެވެ.
މީގެ ތެރޭގައި ތައިލެންޑްގެ ރައްޔިތުންނަށް އޮންލައިން މުޢާމަލާތްތަކުގައި އަދި ސަރުކާރުގެ ޚިދުމަތްތަކަށް ރައްކާތެރިކަމާއެކު އެމީހެއްގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭ ތައި ޑިޖިޓަލް އައިޑެންޓިޓީ (ތައި އައިޑީ) މޮބައިލް އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން، ސީޑީޓީ އިން އަންނަނީ 1983 ވަނަ އަހަރުން ފެށިގެން ތައިލެންޑްގެ، އުފަންވުމާއި މަރުވުން އަދި އެހެނިހެން ވައިޓަލްސް ރެކޯޑުތައް ބަލަހައްޓާ ޑިޖިޓަލް ނިޒާމުޤާއިމްކޮށް ބެލެހެއްޓުމުގެ މުހިންމު ދައުރެއް އަދާކުރެއެވެ.
އަދި 1990 ވަނަ އަހަރު މި ނިޒާމަށް ވަނީ ވޮޝިންޓަންގެ "ކޮމްޕިއުޓަރ ވޯލްޑް ސްމިތްސޯނިއަން އެވޯޑް ފޮރ އިމްޕްލިމެންޓިންގް ކޮމްޕިއުޓަރ ޓެކްނޯލޮޖީ ޓު ޕްރޮޑިއުސް ބެނިފިޝަލް ޗޭންޖަސް ފޮރ ސޮސައިޓީ" އެވޯޑް ލިބިފައެވެ.
މި ލިޔުން ކިޔާލުމުން