Saturday, October 31
ހުރާގައި ގަވާއިދާ ޚިލާފަށް އުޅެމުން އައި 46 ބިދޭސީއަކު އަތުލައިގެންފި
ކ. ހުރާގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ކ. ހުރާގައި ޚާއްޞަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިގޮތުން މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލައިފައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށްވެސް 1،000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ތެރެއިން މިހާތަނަށް 25،483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުފުޅާ އެެއްގޮތަށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ކަމަށް ދާޚިލީ ވަޒީރު، ޢަލީ އިޙްސާން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު