Saturday, October 31
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ސްޓެލްކޯ އިން ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރުކުރެވިފައިވާ ކަމަށެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ދިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. "އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރަން"، ސްޓެލްކޯއިން ބުނެފައިވެއެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަަނަ ފިޔަވަހީގެ ރީތިގަސްމަގު ބުރިޖު ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކުރަން އުުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މިދިޔަ އަހަރު މަރުވެފައިވެސް ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު