Saturday, October 31
މާރަންދޫ އަކީ އާރް.ޓީ.އެލް އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ހަމަޖައްސައިދޭނަން: ރައީސް

ހއ. މާރަންދޫ އަކީ އާރް.ޓީ.އެލް އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ހަމަޖައްސައިދޭން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މިހެން ނިންމެވީ ހ.އ ގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާރަންދޫގެ ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާރަންދޫއަށް ކުރިއަށް އޮތް ދުވަސްތައް ވެގެންދާނީ ތަރައްޤީގެ ދުވެލީގައި ބައިވަރު މަސައްކަތްތަކެއް ހިނގަމުންދާނެ ދުވަސްތަކަކަށް ކަމަށެވެ.

އެއީ ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް، ބަނދަރާއި ރަށްގިރުމުގެ މައްސަލަކަމުގައި ވީ ނަމަވެސް، ޢުމްރާނީ ކަންކަން ކަމުގައިވިޔަސް، ކުނި މެނޭޖުކުރުމާއި، އިޖުތިމާޢީ، ޞިއްޙީ އަދި ތަޢުލީ ދާއިރާއިން ރަށަށް ބޭނުންވާ ކަންކަމުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވައި، ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެ ވަޢުދުތައް ފުއްދެވުމުގައި ސަރުކާރުން ސީރިއަސްކަމާއެކު ދެމިއޮތް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ މާރަންދޫގެ ބަނދަރު މައްސަލައާއި، ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމުގައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

އަދި ހއ. މާރަންދޫ އަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އިން ޝެޑިއުލް ފެރީ ދަތުރުކުރާ މަންޒިލެއް ކަމުގައި ރަމަޟާން މަސް އައުމުގެ ކުރިން ހަމަޖައްސަވައިދެއްވަން ކަނޑައަޅުއްވާފައި އޮތް ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މާ ލަސްތަކެއް ނުވެ، މަސައްކަތްތައް އަލުން ފައްޓަވައިދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު