Saturday, October 31
އޭސީސީ އަށް ދެ މެންބަރުން ޢައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ ޢައްޔަންކުރައްވައިފިއެވެ.

އޭސީސީގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އޭސީސީގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.

‎ރައީސް ވަނީ އޭސީސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން މިއަދު މި ދެ ބޭފުޅުންނާ ޙަވާލުކޮށްދެއްވާފައެވެ.

އޭސީސީ އަށް ޢައްޔަންކުރެއްވި މެންބަރުންގެ ތެރެއިން އަޙްމަދު ނާޝިދަކީ މީގެ ކުރިން ޕޮލިސް ބޯޑުގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޕޮލިސް ބޯޑުން ވަކިކުރީ މި ސަރުކާރުންނެވެ.

އަދި، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޢަބްދުﷲ ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭސީސީގެ މެންބަރުކަމުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޢަބްދުއްސަލާމާއި މެންބަރެއްގެ ގޮތުގައި ހުންނެވި ޠާހާ މުޙައްމަދަށް ބޮޑެތި ތުހުމަތުތަކެއްކޮށް، އެ ދެ ބޭފުޅުން މަޤާމުން ވަކިކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށް، މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު