Saturday, October 31
ކުޑަކުދިން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ހޯދުމަށް ދިރާސާ ކުރަނީ

ކުޑަކުދިން ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ހޯދުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުވަނަލް ޖަސްޓިސް އިން ހާމަކޮށްފިއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕުރޮގުރާމުގައި ވާހަކަދައްކަގަމުން އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ހުނާނާ ލަތީފް ވިދާޅުވީ އެފަދަ ދިރާސާ ހެދުމަކީ އެ ޑިޕާޓްމަންޓްގެ އިޚްތިޞާޞްގައި ހިމެނޭ ކަމެއް ކަމަށާއި، އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ޤާނޫނު ވުޖޫދަށް އައުމާއެކު، މީގެ ކުރިން ހުށަހެޅުނު ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިން ކުށްތަކަށް ހުށަހެޅޭ މިންވަރު މަދުވެފައިވާ ކަމަށެވެ.

"އެއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ ކުޑަކުދިންނަށް ޚާއްސަ އަދި ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ވަރަށް ބާރުއަޅާ ނިޒާމެއްގެ ގޮތުގަ މިއޮންނަނީ"، ހުނާނާ ވިދާޅުވިއެވެ.

ހުނާނާ ވިދާޅުވީ ކުޑަކުދިން ކުށްތަކަށް އަރައިގަންނަނީ ކިހާ ހިސާބެއްގައިކަން އެނގޭނީ ރަނގަޅު ދިރާސާއެއް ހެދިގެން ކަމަށެވެ.

މީގެ އިތުރުން މި ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ވަހީދު ވިދާޅުވީ ކުށްތަކަށް ހުށަހެޅޭ ކުޑަކުދިންގެ ރޭޓް މަދު ކުރުމަށްޓަކައި މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތަކުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށާއި މި މަސައްކަތުގެ ނަތީޖާ ފެނިގެންދާނީ ފޮނިކޮށް ކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ޙަސަން ވިދާޅުވީ ފާއިތުވި އަހަރު ހުށަހެޅިފައި ހުރި މައްސަލަތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު