Monday, November 16
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 10:45 އިން 14:30 އަށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅާއި ވ. އަތޮޅާ ދެމެދަށް ރީނދޫ ސަމާލު ނެރެފައެވެ.

މީގެ އިތުރުން މިއަދު 09:30 އިން 14:30 އަށް ލ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އަދި ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް އެ އިދާރާއިން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. މި ވަގުތުތަކުގައި މި ސަރަހައްދުކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި އިރުދެކުނާއި ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކުރެއެވެ.

އެހެންކަމުން އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު