ޙަޤީޤީ ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމަކަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި ޢިމާރާތްތަކެއް އެޅުމުގެ ބަދަލުގައި، އެ ޤައުމެއްގެ ޒުވާން ޖީލަށް ރަނގަޅު ތަރުބިއްޔަތާއި ތަޢުލީމު ދީގެން ކަމުގައިވާތީ، ޙަޤީޤީ ވަށާޖެހޭ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ސްކޫލުތަކަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކޮށްދިނުން ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައެވެ.
މީގެ އިތުރުން، ހަރުދަނާ ގޮތެއްގައި، ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާޙައުލެއްގައި ކިޔަވައިދެވޭނެ ގޮތް މަގުފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާއާއި ޙަޤީޤީ އުފާވެރިކަން ލިއްބައިދޭނެ ކަމެއް ކަމަށާއި، ސްކޫލުތަކާއި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި އެހެނިހެން ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް، މި އަހަރާއި އަންނަ އަހަރު ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި، އޭސީ ކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ، މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި، އިޔާދަކުރަނިވި ހަކަތައިއިން ފިނިކުރެވޭ ގޮތަށް ހުރި ކުލާސްރޫމްތަކެއް ކަމުގައި ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ހުޅުދުއްފާރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަމާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައްވެސް ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހުޅުދުއްފާރަކީ ބޭރުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ދަރިވަރުން އެ ރަށަށް ހިޖުރަކޮށްފައިވާ ރަށަކަށް ވާއިރު، ދަރިވަރުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ފަދައިން، ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި 2 އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން