Monday, November 9
ވާދޫގެ ސޯލާ މަޝްރޫޢު ނިމޭއިރު ކަރަންޓުގެ މައްސަލައަށް ޙައްލެއް ލިބިގެންދިއުމަށް ބޭނުން: ރައީސް

ރ. ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ މަޝްރޫޢު ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމުލަ ގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިގޮތުން ވާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއެކު ރައީސް ޑރ. މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ، އެބޭފުޅުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތައް ވިދާޅުވެދެއްވާފައެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ޙިއްޞާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އަދި، ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް ބަލައިގަންނަކަމެއްކަން ފާހަގަކުރައްވައި، ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު