Saturday, October 31
ޑީއެންއާރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލަނީ

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ނިންމައިފިއެވެ. މިގޮތުން ޑީއެންއާރުން ބުނީ އެ ޑިޕާޓްމަންޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލުން މިއަދު 13:00 ގައި ވެލާނާގެ 4 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ.

ޑީއެންއާރުން ވަނީ އެ ޒިޔާރަތުގައި ބައިވެރިވުމަށް ހުރިހާ މީޑިއާތަކަށް ދަޢުވަތު އަރުވައިފައެވެ.

ޑީއެންއާރުގެ މަސައްކަތްތައް ހިނގާ ގޮތް ނޫސްވެރިންނަށް ދައްކާލަން ނިންމާފައި މިވަނީ، ޑީއެންއާރުގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ޞައްޙަ ނޫން ފޯމުތަކެއް ފުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.

މީގެ އިތުރުން، ޑީއެންއާރުގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ ވަޒީރު އިޙްސާންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް އެމްޑީޕީން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެމްޑީޕީން ވަނީ މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަށާއި އީސީ އަށް ވެސް ހުށަހަޅައިފައެވެ. ޞައްޙަ ނޫން ފޯމުތަކެއް އީސީ އަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ގޮވާލާފައިވާއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު