Saturday, November 14
މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢުގެ %65 ނިމިއްޖެ
މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ މި އަހަރު ގުޅާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީނު މުޙައްމަދު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ވެރިރަށް މާލޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންތިހާއަށް މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ނިމުމުން، މާލެ ނުވަތަ ހުޅުމާލޭގައި މަރާމާތުގެ މަސައްކަތެއް ކުރަންޖެހުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާހުރެ ފެނުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، ލުއިފަސޭހަކަމާއެކު ހުޅުމާލެ އާއި މާލެއާ ދެމެދު އަދި މާލެ އާއި ހުޅުމާލެ އާ ދެމެދު ފެން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މީގެ އިތުރުން، ފެން އުފެއްދުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެ ކުންފުނިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މަތީން ފާހަގަކުރެއްވިއެވެ. މި ގޮތުން، މާލެ އާއި ހުޅުމާލޭގައި ދުވާލަކު 5000 ޓަނުގެ ފެން އުފައްދާ ދެ ޕްލާންޓް ޤާއިމުކުރުމަށް، ބަޔަކު ހޮވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އައު ފެން ޕްލާންޓްތަކުގެ އެހީގައި ފެން އުފެއްދުމުގެ ޤާބިލުކަން 30 އިންސައްތަ އިތުރުވެގެންދާނެއެވެ. އަދި 2025 ވަނަ އަހަރުގެ ނިޔަލަށް ފެން ރައްކާކުރެވޭ މިންވަރު ދެގުނަ ކުރުމަކީވެސް، ވެރިރަށުގެ ފެނުގެ ރައްކާތެރިކަން ހަރުދަނާކުރުމަށް އެ ކުންފުނިން އަމާޒުހިފާފައިވާ ކަމެއްކަމުގައި މަތީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު