Saturday, October 31
މިހާތަނަށް 74 މީހަކު ފަރުވާގެ ނިޒާމަށް ވައްދައިފި

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އިން ފެށި ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 74 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެން.ޑީ.އޭގެ ޗެއަރޕަރސަން، ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ، ފަރުވާގެ ނިޒާމަށް ވައްދަން ޖެހޭ ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި، މިއަދާ ހަމައަށް ފަރުވާގެ ނިޒާމަށް މަގުމަތިން 74 މީހަކު ވައްދާފައިވާ ކަމަށެވެ. ލުބްނާ ވިދާޅުވީ މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ރިމާންޑްގެ މުއްދަތު ހަމަކޮށް އެންޑީއޭގެ ފަރުވާގެ ނިޒާމުގެ ތެރެއަަށް ޑްރަގް ރީހެބިލިޓޭޝަނަށް ވަދެފައިވާ ކަމަށާއި، އެއީ އެންޑީއޭ އަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތި ނަގާ މީހުންގެ ހާލަތަށް ބަލާފަ ފަރުވާ އަވަހަށް ބޭނުންވާ މީހުންނަށް އައުޓްރީޗް ކުރައްވާ ކަމަށާއި މި މަސައްކަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށް ލުބްނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ޑިޓޮކްސިފިކޭޝަން ކަމަށާއި، ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށެވެ.

"ޑިޓޮކްސިފިކޭޝަން ޕްރޮސެސް އަޅުގަނޑުމެން ހިންގާނީ ހެލްތު ފެސިލިޓީތަކާ ގުޅިގެން. މިހާރު އަޅުގަނޑުމެންނަށް ވަނީ ހެލްތު މިނިސްޓްރީން މީގެ ފެހި ސިގްނަލް ދެއްވާފަ. އެހެންވީމަ އަޅުގަނޑުމެންނަށް ހަމަ ހޮސްޕިޓަލްތަކާއި ގުޅިގެން ޑޮކްޓަރުންވެސް ޓްރެއިންވެގެން އަޅުގަނޑުމެން މި ޓްރީޓްމެންޓް މިފަށަނީ. އޭގެ މާނައަކީ ގޭގައި ބެލެނިވެރިންނަށް ނުބެލެހެއްޓޭ ކުދިން އަޅުގަނޑުމެން ގޭގައި ބަހައްޓައިގެން އެއްގޮތަށްވެސް ފަރުވާއެއް ނުދޭނެ އިނގޭތޯ. އޭގައި އެކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސްއަށް ބަލާފައި މިހާރުވެސް އަޅުގަނޑުމެން ކުދިން ނަގާގޮތަށް ނުވަތަ ކުދިން ފަރުވާއަށް މޯޓިވޭޓް ކޮށްގެން ގެންނަ ގޮތަށް ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން"، ލުބްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލުބްނާ ވިދާޅުވީ، ހުޅުމީދުގައި ހުންނަ ވިލުނޫ އާއި ހިންމަފުށީގެ އިތުރުން ތިނަދޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ޑިޓޮކްސިފިކޭޝަން ނިޒާމު ޤާއިމްވެފައިވާ ކަމަށާއި، އެ ތަންތަނުން މިހާރު ދެމުންދަނީ މެތަޑޯން ފަރުވާ ކަމަށާއި، ނަމަވެސް މުޖުތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށެވެ.

މުޖުތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމުގެ ނިޒާމު ޤާއިމް ކުރެވޭއިރު ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު ދޭނެ އެންޖީއޯތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އަދި މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް މަސައްކަތްތަށް ބައްޓަންކުރައްވަން ގިނަ މަސައްކަތްތަކެއް އެންޑީއޭގެ ބޯޑުން މިހާރު ފައްޓާފައިވާކަންވެސް ލުބްނާގެ ވާހަކައިގައި ވިދާޅުވިއެވެ.

މީގެ އިތުރުން ލުބްނާ ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެންޑީއޭގެ ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށާއި، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ސެންޓަރުތަކުގެ ސްޓްރަކްޗަރތަކަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ލުބްނާ ވިދާޅުވީ މި އަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސެންޓަރުތަކުގެ ޖާގަ އިތުރުކޮށް އެތަންތަނުގެ ހާލަތު ރަނގަޅު ކުރަން ކަމަށާއި، އެ މަގަަށް މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު