Saturday, October 31
ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިރޭ 22:30 އާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ އއ.އަތޮޅުން ފެށިގެން، ތ.އަތޮޅަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިރޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި:

  • ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 - 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
  • އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 - 23 މޭލު ބާރުމިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ.
  • ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ.
  • އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ.
  • ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3 - 5 ފޫޓުގައި.
  • އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 5 - 7 ފޫޓުގައި.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ވެސް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު