Saturday, October 31
އެސްޓޯނިއާ ދަތުރުގައި ސޮއިކުރެވުނީ އައިޓީ ދާއިރާ ކުރިއެރުވުމަށް މުހިންމު އެއްބަސްވުންތަކެއް: ޑރ. ކިނާނަތު

އެސްޓޯނިއާ ދަތުރުގައި ސޮއިކުރެވުނީ އައިޓީ ދާއިރާ ކުރިއެރުވުމަށް މުހިންމު އެއްބަސްވުންތަކެއް ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަންނަވަމުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ކިނާނަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާ އަށް ކުރެއްވި މި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"ޚާއްޞަކޮށް ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބޭފުޅުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ"، ޑރ. ކިނާނަތު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ކިނާނަތު ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު ޓެކްނޮލޮޖީއާ ގުޅުންހުރި އެމްއޯޔޫ އަށް ބަލާއިރު، ރާއްޖެއަށް ވަރަށް މުހިންމު ތިން ހަތަރު ދާއިރާއެއްގައި އޭގައި ހިމެނިފައިވާ ކަމަށެވެ. އެގޮތުން ޚާއްޞަކޮށް ޑިޖިޓަލް ގަވަރނަންސް، ސައިބަރ ސެކިއުރިޓީ އަދި މަޢުލޫމާތު ހިއްސާކުރުން ފަދަ ދާއިރާތަކުން މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރެވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

"ޖުމުލަކޮށް އަޅުގަނޑު ދަންނަވާނީ އެސްޓޯނިއާއަށް ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ދަތުރުފުޅަކީ ވަރަށް މުހިންމު އަދި ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމަށް"، ޑރ. ކިނާނަތު ވިދާޅުވިއެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ދިވެހިރާެއްޖެ އާއި އެސްޓޯނިއާ ދެމެދު 14 ޖަނަވަރީ 2025 ގައި ވަނީ ސޮއިކުރެވިފައެވެ. މި އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ދާޚިލީ ވަޒީރު އަލީ އިޙްސާން އަދި އެސްޓޯނިއާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޯސްޓާ އެވެ.

އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ކުރި ދަތުރަކީ، މުޅި ދުނިޔޭގެ ތާރީފު ލިބިފައިވާ މަސައްކަތެކެވެ. އަދި އެ ޤައުމަކީ، ޢާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގައި ދުނިޔޭގައި އެންމެ މަތީ ފަންތީގައި ގުނާލެވޭ ޤައުމެކެވެ. ޑިޖިޓަލް ގަވަނަންސް އާއި، އީ-ސަރވިސް ގެ ދާއިރާގައި ދުނިޔޭގެ ލީޑަރެއްކަމުގައި ބެލެވިފައިވާ އެސްޓޯނިއާ މަޝްހޫރުވެފައިވަނީ އެ ޤައުމުން ތަޢާރަފުކުރި އީ-ރެޒިޑެންސީ ޕްރޮގްރާމާއި، އީ-ގަވަނަންސް މަންސަތަކާއި، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބުގިސްކަމާއެކު ޑިޖިޓަލް ޙައްލުތައް ހޯދައިދީފައިވާ ގޮތުގެ ސަބަބުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު