Saturday, October 31
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޖަލު ހުކުމް ބާތިލުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ މައްޗަށް 2018 ވަނަ އަހަރު ކޮރަޕްޝަންގެ މައްސަލައެއްގައި ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް އެ ގައުމުގެ ސްޕްރީމް ކޯޓުން މިއަދު ބާޠިލުކޮށްފި އެވެ.

މިއީ ހާލިދާގެ ބޮޑުވަޒީރުކަމުގައި 2001 އިން 2006 އަށް ޔަތީމުންނަށް ކަނޑައެޅި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކޮށްފައިވާ ހުކުމެކެވެ. 2008 ވަނަ އަހަރު ފެންމަތިވި މި މައްސަލައިގައި އެ ޤައުމުގެ ހައި ކޯޓުން ހާލިދާ އަދި  އިތުރުބައެއްގެ މައްޗަށް ހުކުމް ކުރީ 2018 ވަނަ އަހަރުއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން، މައްސަލަ ބެލި ފަނޑިޔާރުންގެ ޕެނަލުން ވަނީ ހާލިދާ އާއި މި މައްސަލައިގެ ދަޢުވާލިބޭ އެހެން ފަރާތްތަކުގެ މައްޗަށް  ކޮށްފައިވާ ހުކުމަކީ ބާޠިލު ހުކުމެއް ކަމަށް ނިންމާފަ އެވެ. މި ހުކުމުން ސަލާމަތްވި މީހުންގެ ތެރޭގައި ހާލިދާގެ ދަރިފުޅު ވެސް ހިމެނެ އެވެ.

ފާއިތުވި އަހަރު ނޮވެމްބަރު މަހު ވެސް، ހާލިދާ ވަނީ ކޮރަޕްޝަންގެ އެހެން މައްސަލައެއްގެ ހުކުމުން ސަލާމަތް ވެފައެވެ. އެއީ 2005 ވަނަ އަހަރު ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވެގެން ކޮށްފައިވާ ހުކުމެކެވެ.

އުމުރުން 79 އަހަރުގެ ހާލިދާ ޒިޔާ ވަނީ މި މަހުގެ ކުރީކޮޅު، ސިއްޙީ މައްސަލަތަކަކަށް އިގިރޭސިވިލާތުގެ ލަންޑަނުގައި ފަރުވާ ހޯދާފަ އެވެ. 2020 ވަނަ އަހަރު އެނާގެ ޖަލު ހުކުމަށް ވަނީ ސިއްޙީ ސަބަބުތަކަށްޓަކައި, ޝަރުތުތަކެއް ކަނޑައަޅުމަށްފަހު ލުއިތަކެެއް ދީފައެވެ. ޝަރުތުތަަކުގެ ތެރޭގައި ޤައުމުން ބޭރަށް ދަތުރު ނުކުރުމާއި ސިޔާސީ ކަންކަމުން އެއްކިބާވެ ހުރުން ހިމެނެ އެވެ.

މި ނިންމުމާއި އެކު 2026 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޕާލިމެންޓަރީ އިންތިޚާބުގައި އޭނާއަށް ވާދަކުރެވޭނެ މަގު ފަހިވެދާނެ ކަމުގެ އުއްމީދު އޮތްކަމަށް ޒިޔާގެ ޤާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު