Saturday, October 31
ރައީސް ޑރ.މުޢިއްޒު އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއްޔެ ދެއްވި ފަރިއްކޮޅު ކުރިއަށް ގެންދެވި ވަގުތުގައެވެ.

އެގޮތުން ފަރިއްކޮޅު ކުރިއަށްގެންދެވި ވަގުތު ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުން ބައިވެރިވެގެން ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އާންމު ޚިދުމަތްތައް ހަރުދަނާކުރެއްވުމަށް އަަޒުމް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި، ރާއްޖެއަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަރައްގީގެ އެޖެންޑާގެ މައްޗަށް އަލިއަޅުވައިލައްވާފައެވެ. އަދި ދެ ގައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް ވަނީ އީ-ވޯޓިން އާއި މި ނޫންވެސް އީޖާދީ ފަންނިއްޔާތުގެ އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވައިފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތައް ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ.

ގާނޫނު ހަދާ މަޖިލިސް "ރިގިކޮގޫ" އަށް ރައީސް ޑރ. ކުރެއްވި މި ތާރީޚީ ޒިޔާރަތުގައި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރް އާ ދެ ބޭފުޅުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ. އެއަށްފަހު ގާނޫނު ހަދާ މަޖިލީހުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ސޮއިކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު