Saturday, October 31
ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ހަމައެއްގައި ޞިއްޙީ ޚިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ މިނިސްޓަރ އޮފް ހެލްތު، ރީނާ ސިކުޓް އާ މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޞިއްޙީ ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރެއްވުމަށެވެ. އެ ގޮތުން އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާއިރު، އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ އެސްޓޯނިއާއާއި ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދު އާކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު