Saturday, October 31
މަރަދޫފޭދޫގައި ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ މުއްދަތު އިތުރުކޮށްފި

އައްޑޫސިޓީ، މަރަދޫފޭދޫ އަވަށުގައި ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" މުއްދަތު އިތުރުކޮށްފިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން "އޮޕަރޭޝަން ކުރަނގި" މި ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

މިގޮތުން އައްޑޫސިޓީ މަރަދޫފޭދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ ނެގުމުގެ މަސައްކަތް ވަނީ 31 ޑިސެންބަރު 2024 ގެ ނިޔަލަށް ކުރިޔަށް ގެންގޮސްފައެވެ.

ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަޔޯމެޓްރިކްސް ޑޭޓާ އެކުލަވާލެވިފައިނުވާ ފަރާތްތައް ހިމެނޭތީއާއި، ބަޔޯމެޓްރިކްސް ދިނުމުގެ މުއްދަތު 28 ފެބުރުއަރީ 2025 ގެ ނިޔަލަށް ސަރުކާރުން އިތުރު ކުރުމަށް ހަމަޖައްސާފައިވާތީ މަރަދޫފޭދޫގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް 28 ފެބުރުއަރީ 2025 ގެ ނިޔަލަށް މިއޮފީހުން ކުރިއަށް ގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.

ބަޔޯމެޓްރިކްސް ނެގުމަށް ހާޒިރުވާއިރު ކޮންމެ ބިދޭސީ މަސައްކަތްތެރިއެއްވެސް، ޕާސްޕޯޓް އަދި ވޯކްވިސާއާއެކު އެ ފަރާތުގެ ޒިންމާދާރުވެރިޔާގެ އައިޑީކާޑު ކޮޕީއެއް ގެނެސްދިނުމަށާއި، އަދި އެއްވެސް ލިޔެކިޔުމެއް ނެތް ނަމަވެސް މައުލޫމާތު އަދާހަމަކުރުމަށް އެފަދަ ބިދޭސީން ވެސް ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތަކަށް ވާތީވެ، ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

28 ފެބްރުއަރީ 2025 ގެ ފަހުން ބަޔޯމެޓްރިކްސް ނެގިފައިނުވާ ބިދޭސީ ފަރާތްތަކާމެދު، ސަރުކާރުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު