Saturday, October 31
ފަރުމަހާއި ހުއިފިލަނޑާގެ މަސްވެރިކަން ހަރުދަނާކުރުމަށް ދެ ގަވާއިދެއް އެކުލަވައިލައިފި

ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ
ގަވާއިދާއި، ހުއިފިލަނޑާގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު އެކުލަވައިލައި މިއަދު ގެޒެޓުކޮށްފިއެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން އާންމުކުރި ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ
ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގައި ކުރާ ފަރުމަހުގެ މަސްވެރިކަމުގެ ފައިދާ، ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި ފަރުމަހުގެ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

މި ގަވާއިދުގައިވާ ގޮތުން، ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި '"ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ"' އެކުލަވައިލަން ޖެހެއެވެ. މި ކޮމިޓީއަށް މެންބަރުން އައްޔަންކުރައްވާނީ ފިޝަރީޒް މިނިސްޓަރެވެ.

ކޮމިޓީ އެކުލެވިގެންވާ ގޮތް:

  1. މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް (މުގައްރިރު)
  2. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ތަމްސީލުކުރާ މަންދޫބެއް.
  3. ފަރުމަހުގެ މަސްވެރިން ތަމްސީލުކުރާ 2 މަންދޫބު.
  4. ފަރުމަހުގެ ވިޔަފާރިކޮށް، ފަރުމަސް އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބު.
  5. ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް.
  6. ފަތުރުވެރިކަމާ ބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް.
  7. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް.
  8. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކަމާ ގުޅޭ ޖަމުއިއްޔާއެއްގެ މަންދޫބެއް.

މީގެއިތުރުން މި ގަވާއިދުގައި ފަރުމަހުގެ މަސްވެރިކަމުގައްޔާއި ފަރުމަހުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި، ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ އެހެނިހެން ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމާއި، ވަކި ގޮތަކަށް ކަމެއް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމާއި، މި ގަވާއިދުގައިވާ ލައިސަންސްގެ ޝަރުތަކާ ނުވަތަ ޝަރުތުތަކާ ޚިލާފުވުން ބެލެވޭނީ ކުށެއްގެ ގޮތުގައެވެ. އެގޮތުން ކުށެއް ކޮށްފިނަމަ، އެ ފަރާތަކަށް ފިޔަވަޅު އަޅާނެ ގޮތްތައް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ހުއިފިލަނޑާގެ މަސްވެރިކަން ރާވައި ހިންގައި
ބެލެހެއްޓުމާ ބެހޭ ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގެ ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ހުއިފިލަނޑާގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ބަޔާންކުރުމެވެ.

މި ގަވާއިދުގެ ދަށުން ވެސް ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި މުރާޖާކުރުމާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލަފާދިނުމަށްޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި '"ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީ"' އެކުލަވައިލަން ޖެހެއެވެ.

މި ކޮމިޓީއަށް ވެސް މެންބަރުން އައްޔަންކުރައްވާނީ ފިޝަރީޒް މިނިސްޓަރެވެ.

ކޮމިޓީ އެކުލެވިގެންވާ ގޮތް:

  1. މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓް ތަމްސީލުކުރާ މަންދޫބެއް (މުގައްރިރު)
  2. މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ތަމްސީލުކުރާ މަންދޫބެއް
  3. ހުއިފިލަނޑާގެ މަސްވެރިކަންކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން.
  4. ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުން.
  5. ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބެއް.
  6. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ތަމްސީލުކުރާ މަންދޫބެއް.

މި ގަވާއިދުގައި ހުއިފިލަނޑާގެ މަސްވެރިކަމުގައްޔާއި ހުއިފިލަނޑާގެ ވިޔަފާރީގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި، ފަރުމަހުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ އެހެނިހެން ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައިވާ ގޮތުން، ހުއިފިލަނޑާ ސާފުކޮށްފައި ހުންނަ ފެންގަނޑާއި، ކައްކައިފައި ބާކީވާ ބައި ނުވަތަ ފެންގަނޑު، ރަށެއްގެ ފަޅުތެރެއަށް ނުވަތަ އުރަފަށުން ފެށިގެން ބޭރަށް އޮންނަ 300 މީޓަރުގެ ސަރަހައްދުގެ ތެރެއަށް އެޅުމަކީ ނުވަތަ އުކައިލުމަކީ މަނާކަމެކެވެ. އަދި ކައުންސިލުގެ ނުވަތަ ވެރިފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަކާ ނުލައި، ހުއިފިލަނޑާ ސާފުކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ހަރަކާތެއް އެއްވެސް ރަށެއްގައި ނުވަތަ އެއްވެސް ތަނެއްގައި ހިންގުމަކީ މަނާކަމެކެވެ.

ގަވާއިދުގައިވާ ގޮތުން:

  • ހުއިފިލަނޑާއާއި ހުއިފިލަނޑާގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހުއިފިލަނޑާ ގަންނަންވާނީ، މަސްވެރިކަން ކުރުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތަކުން.
  • އެކްސްޕޯޓުކުރުމަށް ތައްޔާރުކުރާ ހުއިފިލަނޑާއާއި ހުއިފިލަނޑާގެ އުފެއްދުންތައް ބަންދުކުރަންވާނީ ބާވަތްތައް ވަކިވަކީން.
  • މިގޮތުން ބަންދުކުރާ ޕެކޭޖްތަކުގައި، ބާވަތުގެ ނަމާއި، މިންވަރާއި (އަދަދާއި ބަރުދަން)، އުއްފެދި ތާރީޚާއި، އެކްސްޕޯޓަރުގެ ތަފުސީލު ސާފުކޮށް އެނގޭނޭހެން ލޭބަލްކުރަންޖެހޭ.
  • އެކްސްޕޯޓުކުރާ ހުއިފިލަނޑާއާއި ހުއިފިލަނޑާގެ އުފެއްދުންތައް ބަންދުކުރަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން.
  • އެކްސްޕޯޓުކުރާ ހުއިފިލަނޑާއާއި ހުއިފިލަނޑާގެ އުފެއްދުންތަކުގެ ކޮންމެ ޝިޕްމަންޓަކަށް، ބުނެވިދިޔަ މައުލޫމާތު ހިމެނޭ ޕެކިންގ ލިސްޓެއް، އެކްސްޕޯޓަރުން ތައްޔާރުކުރަންޖެހޭ. އަދި ތަންފީޒީ އޮފިސަރެއް ނުވަތަ ފިޝަރީޒް ރޭންޖަރެއް އެދިއްޖެ ހާލަތެއްގައި އެ ޕެކިންގ ލިސްޓު ދައްކަންޖެހޭ.
  • މަސްވެރިކަމާބެހޭ މައުލޫމާތު ރިކޯޑުކުރުމާއި ހުށަހެޅުމާބެހޭ އުސޫލާ އެއްގޮތަށް މަސްވެރިންގެ ފަރާތުން ނުވަތަ ޕްރޮސެސްކުރާ ފަރާތްތަކުން އެއްކުރާ މައުލޫމާތުގެ ސިއްރުކަން، ހުއިފިލަނޑާއާއި ހުއިފިލަނޑާގެ އުފެއްދުންތައް އެކްސްޕޯޓުކުރާ ފަރާތްތަކުން ހިފަހައްޓަންޖެހޭ. އަދި އެފަދަ މައުލޫމާތު މިނިސްޓްރީ ފިޔަވައި އެހެން ފަރާތަކާ، މިނިސްޓްރީގެ ހުއްދަނެތި ހިއްސާކުރުމަކީ ކުށެއް.

ހަމައެއާއެކު ދިރޭ ހުއިފިލަނޑާ އެކްސްޕޯޓުކުރާ ހާލަތުގައި އެކްސްޕޯޓުކުރެވޭ ގައުމުން ކަރަންޓީނުކުރުން ލާޒިމުކުރާ ނަމަ، އެކްސްޕޯޓުކުރުމުގެ ކުރިން މިނިސްޓްރީގެ ކަރަންޓީނު ފެސިލިޓީގައި އެ އުފެއްދުމެއް ކަރަންޓީނުކުރުމުގެ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އުފުލަންޖެހޭނީ އެކްސްޕޯޓުކުރާ ފަރާތުންނެވެ. އަދި އެކަމަށް ހިނގާ އެންމެހައި ޚަރަދަކަށް ޒިންމާވާންވާނީ ވެސް އެ ފަރާތުންނެވެ.

ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން ހުއިފިލަނޑާގެ ބާވަތެއްގެ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލެއް ކަނޑައަޅައިފިނަމަ، އެ ކަމަކަށް ބޭނުންވާ ހުއްދަ ނުވަތަ ސެޓްފިކެޓު ކަމާބެހޭ އިދާރާއިން ހޯދަންޖެހެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާއި ރާއްޖޭގެ އެހެން ގަވާއިދެއްގެ ދަށުން ހިފުން ނުވަތަ ބޭނުން ނުވަތަ ނެގުން ނުވަތަ މެރުން ނުވަތަ ވިޔަފާރިކުރުން މަނާކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް ނުވަތަ ބާވަތެއްގެ ބައިތަކުން އުފައްދައިފައިވާ އެއްވެސް އުފެއްދުމެއް އެކްސްޕޯޓްކުރުމަކީ ނުވަތަ އެކްސްޕޯޓްކުރުމަށް މަސައްކަތްކުރުމަކީ ވެސް މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

މި ގަވާއިދުގެ ދަށުން މަނާކަމެއް ކޮށްފިނަމަ އަޅާނެ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު