Saturday, October 31
ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި އެސްޓޯނިއާއާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި އެސްޓޯނިއާ އާއެކު މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްއާ މަޝްވަރާކުރައްވައިފިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ އެސްޓޯނިއާ އަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާތަކެއް ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކައްކަވަމުން ރައީސް ޑޮކްޓަރ ކަރިސް ވަނީ، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުފުޅުކުރައްވައި އެ ޤައުމަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ. ރައްދުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުން ވިދާޅުވި ހޫނު މަރުޙަބާ އާއި އަރިސްކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސް ކަރިސް އާއި އެސްޓޯނިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދެ ރައީސުންވެސް ވަނީ، ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލުބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމަށް، ޢަޒުމުކަނޑައަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ، އެސްޓޯނިއާ އާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނޭކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު