Saturday, October 31
ފެބްރުއަރީގައި ބާއްވާ ބައި-އިލެކްޝަންތައް: ރީ-ރަޖިސްޓްރީވުމަށް ހުޅުވައިލައިފި

އަންނަ ފެބުރުވަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ.

ފެބްރުއަރީ މަހުގެ 8 ގައި ބާއްވަން ހަމަޖެހިފައިވަނީ 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކާއި، ނ.ލަންދޫ ކައުންސިލުގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަނެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވާ ރަށްތައް:

ގއ. ކަނޑުހުޅުދޫ
ލ. ގަމު
ނ. މިލަދޫ
ނ. ފޮއްދޫ
ދ. ހުޅުދެލި
ރ. އިންނަމާދޫ
ތ. ބުރުނި
ބ. ގޮއިދޫ
އދ. ހަންޏާމީދޫ
ހދ. ހިރިމަރަދޫ

އީސީއިން މިއަދު ބުނީ މި ބައި-އިލެކްޝަންތަކުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ކަމަށެވެ.

މި އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ނ.ލަންދޫ، ނ. މިލަދޫ، ހދ. ހިރިމަރަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި، އަދި  ގއ. ކަނޑުހުޅުދޫގެ ރައްޔިތުންނެވެ.

އީސީއިން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިސްވެ ދެންނެވުނުދާއިރާއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނި ކަމަށެވެ. އެގޮތުން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު (VR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންޖެހެއެވެ. އަދި ފޯމު ހުށަހަޅާއިރު، އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެއެވެ.

އީމެއިލްއިން ނުވަތަ ސީދާ އީސީއަށް ހާޒިރުވެ، ހުށަހަޅާ ފޯމު ބަލައެއްނުގަނެވޭނެ ކަމަށް އީސީއިން ބުންޏެވެ.

ރީ-ރަޖިސްޓަރީ ކުރުމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، 3004473 މި ނަންބަރަށް ގުޅުމަށް އީސީއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު